ގްރިންލެންޑަށް ސިފައިން ފޮނުވި ގައުމުތަކުން ކުޅެނީ ނުރައްކާތެރި ކުޅިވަރެއް: ޓްރަމްޕް

ޔޫރަޕްގެ ބައެއް ގައުމުތަކުން ގްރިންލެންޑަށް ސިފައިން ފޮނުވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވަނީ އެއީ ދުނިޔޭގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަނު، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ފިންލޭންޑުން ގްރިންލެންޑަށް ސިފައިން ފޮނުވާފައިވަނީ "ގޮތްނޭނގޭ މަގްސަދެއްގައި" ކަމަށެވެ.

"މިއީ މުޅި ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިރު ނުހަނު ނުރައްކާތެރި ހާލަތެއް،" ޓްރަމްޕް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ނުރައްކާތެރި ކުޅިވަރު ކުޅޭ ގައުމުތަކުން އުފައްދާފައިވަނީ ބަލައިގަނެވޭނެ މިންވަރަށްވުރެ މަތީ ނުރައްކަލެއް ކަމަށެވެ. އަދި ދުނިޔޭގެ ސުލްހައާއި އަމާންކަން ގާއިމުކުރުމަށްޓަކައި މި ނުރައްކާތެރި ހާލަތު ނިމުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ޓްރަމްޕް ވަނީ ގްރިންލެންޑަށް ސިފައިން ފޮނުވި ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީއެއް ނަގާނެކަން އިއުލާނު ކުރައްވާފައެވެ. މި ފިޔަވަޅަކީ ގްރިންލެންޑަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަށް ޓްރަމްޕް ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން އެޅުއްވި ފިޔަވަޅެކެވެ.

ގްރިންލެންޑަކީ ޑެންމާކްގެ ދަށުން އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ސަރަހައްދެކެވެ. ޑެންމާކް ސަރުކާރާއި ގްރިންލެންޑްގެ އިދާރާތަކުން ވަނީ އެ ޖަޒީރާ އެމެރިކާއަށް ދިނުމަށް ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ. މީގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކަކުން ވަނީ ޓްރަމްޕްގެ މި ނިންމުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނަތީޖާތަކާ މެދު އިންޒާރު ދީފައެވެ.

ހިއްސާ ކުރައްވާ!