އީރާނުން ދުނިޔޭގެ އިންޓަރނެޓާ ވަކިވެ، އަމިއްލަ 'ނެޝަނަލް އިންޓަރނެޓް' އަކަށް ބަދަލުވަނީ

އީރާނުގެ ސަރުކާރުން ދުނިޔޭގެ އިންޓަރނެޓް ވިއުގައާ ވަކިވެ، ގައުމީ ފެންވަރުގެ ވަކި ނެޓްވޯކަކަށް ބަދަލުކުރުމުގެ ސިއްރު މަޝްރޫއެއް ކުރިއަށްގެންދާކަން ހާމަވެއްޖެއެވެ. އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އިންޓަރނެޓް ސިޔާސަތުތައް ދިރާސާކުރާ 'ފިލްޓަރވޮޗް' ޖަމިއްޔާއިން ވަނީ މިކަމުގެ ހެކިތައް ހޯދާފައެވެ.

މި މަޝްރޫއުގެ ދަށުން، ދުނިޔޭގެ އިންޓަރނެޓް ބޭނުންކުރުމަކީ ހަމައެކަނި ސަރުކާރުން ހުއްދަދޭ މަދު ބަޔަކަށް ލިބޭ 'ޚާއްސަ އިމްތިޔާޒަކަށް' ހެދުމަށް ވަނީ ނިންމާފައެވެ.

އީރާނުގެ ރަސްމީ މީޑިއާ  ބުނާގޮތުގައި، 2026 ވަނަ އަހަރުގެ ފަހުން އާންމު ރައްޔިތުންނަށް މިނިވަންކަމާއެކު އިންޓަރނެޓް ބޭނުންކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. އޭގެ ބަދަލުގައި އާންމުންނަށް ބޭނުންކުރެވޭނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ 'ނެޝަނަލް އިންޓަރނެޓް' އެކަނި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްޓަރވޮޗްގެ ރައީސް އަމީރު ރަޝީދީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އިންޓަރނެޓަށް ވަދެވޭނީ ހަމައެކަނި ސަލާމަތީ ބާރުތަކުން ހުއްދަ ދޭ ނުވަތަ ސަރުކާރުގެ ހަރުކަށި ސްކްރީނިންގް އަކުން ފާސްވާ ފަރާތްތަކަށެވެ. އެ ފަރާތްތަކަށްވެސް ލިބޭނީ ސަރުކާރުން ފިލްޓަރުކޮށްފައިވާ އިންޓަރނެޓްގެ ކޮޕީއެކެވެ. މިއީ މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އީރާނުގައި ކުރިއަށްދާ އެމެރިކާއއާއި އިޒްރޭލުން ފައިސާ ދީގެން ހިންގާ  މުޒާހަރާތަކާ ގުޅިގެން މައުލޫމާތު ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މި ނިޒާމު ގާއިމުކުރުމަށް އީރާނުން ޗައިނާގެ ޓެކްނޮލޮޖީ ބޭނުންކުރަމުންދާ ކަމަށް މާހިރުން ތުހުމަތުކުރެއެވެ. މީގެ ސަބަބުން މުޅި ގައުމުގެ ޑޭޓާ އެއްފަހަރާ މޮނިޓަރކޮށް އެނަލައިޒް ކުރުމުގެ ގާބިލުކަން ސަރުކާރަށް ލިބިގެންދާނެއެވެ. އީރާނުގެ މި 'ނެޝަނަލް އިންޓަރނެޓް' މަޝްރޫއަކީ 2009 ވަނަ އަހަރުގެ މުޒާހަރާތަކަށްފަހު ފެށި، އަދި 2012 ވަނަ އަހަރުން ފެށިގެން ރަސްމީކޮށް ބޭންކުތަކާއި ކުންފުނިތަކުގެ އިންފްރާސްޓްރަކްޗަރ އެ ނިޒާމަށް ބަދަލުކުރަން ފެށި މަސައްކަތެކެވެ.

އެމެރިކާގެ ކުރީގެ އޮފިޝަލަކު މިކަން ސިފަކުރެއްވީ "ބިރުވެރި އަދި  ތަންފީޒުކުރެވިދާނެ" ކަމެއްގެ ގޮތުގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ސަބަބުން އީރާނުގެ އިގްތިސާދަށާއި ސަގާފަތަށް  ގެއްލުންތަކެއް ލިބޭނެއެވެ.ނަމަވެސް އީރާނަކީ އެމެރިކާގެ ދަތިކުރުމުގައި އުޅޭ ގައުމެއް ކަމުން އިތުރަށް އީރާނަށް ލިބޭނީ ކޮން ގެއްލުމެއްތޯ ސުއާލު އުފެދެއެވެ.

މިހާރުވެސް އީރާނުގެ ބައެއް ސަރަހައްދުތަކުން އިންޓަރނެޓް ކަނޑާލާފައިވާއިރު، އަންނަ މާރިޗު މަހުގެ ނައިރޫޒް އީދާ ހަމައަށް ދުނިޔޭގެ އިންޓަރނެޓްގެ ޚިދުމަތް މެދުކަނޑާލާފައި އޮވެދާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް