ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހާ ގުޅޭގޮތުން އޭނާ ކުރިން ކުރެއްވި ލަފާކުރުންތައް މިހާރު އަމަލީ ގޮތުން ފެންނަމުންދާ ކަމަށެވެ. މެޑްވެޑޭވް މިހެން ވިދާޅުވީ ޓެލެގްރާމް މެދުވެރިކޮށް ދެއްވި މެސެޖެއްގައެވެ.
މެޑްވެޑޭވް ފާހަގަކުރެއްވި ގޮތުގައި ޔޫކްރޭނާއި، ގްރީންލޭންޑް އަދި މޮލްޑޯވާ ފަދަ ގައުމުތަކާ ގުޅޭގޮތުން އޭނާ ކުރެއްވި ލަފާކުރުންތައް ދަނީ ހަގީގަތަކަށް ވަމުންނެވެ. އެގޮތުން އެމެރިކާއިން ގްރީންލޭންޑަށް އަމާޒުކޮށް ހަމަލާދޭން ތައްޔާރުވަމުންދާ ކަމަށާއި، ނޭޓޯގެ ދިފާއީ ކަންކަމަށް ޔޫރަޕްގެ ގައުމުތަކުން ޓެރިފް ދައްކަން ޖެހި އަދަބު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފްރާންސްގެ އޮފިޝަލުން ނޭޓޯއިން ވަކިވާނެކަން އިއުލާން ކުރަމުންދާ ކަމަށާއި، ޔޫކްރޭންގެ 'ބަޓްކިވްޝްޗީނާ' ޕާޓީގެ ލީޑަރު ޔޫލިއާ ޓިމޮޝެންކޯ ވިދާޅުވި ގޮތުގައި ޔޫކްރޭންގައި މިހާރު އޮތީ ފެސިސްޓް ނިޒާމެއް ކަމަށާއި އެ ގައުމަށް ފަސް އަހަރަށް ވުރެ ގިނަ ދުވަހު ދެމިއެއް ނޯވެވޭނެ ކަމަށް މެޑްވެޑޭވް ފާހަގަކުރެއްވިއެވެ.
މޮލްޑޯވާގެ ރައީސާއި ބޮޑުވަޒީރު އެ ގައުމު އުވާލުމަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް އޭލިއަނުންނާ ނުވަތަ ބޭރު ދުނިޔޭގެ މަހްލޫގުންނާ އޮތް ގުޅުންތައް ހާމަކުރައްވާނެ ކަމަށްވެސް މެޑްވެޑޭވް ވިދާޅުވިއެވެ.
މެޑްވެޑޭވްގެ ވާހަކަ ނިންމާލައްވަމުން މަލާމާތުގެ ރާގަކަށް ވިދާޅުވީ، "ފުރަތަމަ އަހަރެން ހީކުރީ މިއީ 2022 އާއި 2024 އާ ދެމެދު އަހަރެން ތައްޔާރުކުރި ފަދަ ބޭކާރު ލަފާކުރުންތަކެއް ކަމަށް، އެކަމަކު އެހެންނެއް ނޫން! މިއީ އެންމެ ފަހުގެ ޚަބަރުތައް. ލަފާކުރުންތައް މިދަނީ ހަގީގަތަކަށް ވަމުން…" މިފަދައިންނެވެ.





