މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ އިދިކޮޅު ސިޔާސީވެރިޔާ މެޑްވެޗުކް ވިދާޅުވީ، ޒެލެންސްކީ މިކަމަށް އިންކާރު ކުރެއްވުމުން ދޭހަވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުންނާނެކަން ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި އިންތިޚާބުގެ ނަތީޖާ ރަޝިޔާއިން ގަބޫލުނުކުރާނެ ކަމަށާއި، ކިއޭވްއިން އަނެއްކާވެސް ދަނީ ރައްޔިތުންނަށްދޮގު ވައުދުތަކެއް ވަމުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މެޑްވެޗުކް އިތުރަށް ވިދާޅުވި ގޮތުގައި، ވޮޝިންޓަނުން ބޭނުންވަނީ ޔޫކްރެއިން އަކީ ހުޅަނގުގެ ނުފޫޒުގެ ދަށުގައި އޮތް ގައުމެއްގެ ގޮތުގައި ބޭއްވުމަށެވެ. ނަމަވެސް ރަޝިޔާއާއެކު ހަގީގީ ސުލްހައިގެ އެއްބަސްވުމަކަށް އަތުވެއްޖެނަމަ، މިހާރު އޮތް ޔޫކްރެއިންގެ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުގެ ބާރު ކެނޑިގެންދާނެ ކަމަށާއި، ޒެލެންސްކީގެ ސަރުކާރުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އަޅަނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވާ ގޮތުގައި، ރަޝިޔާއާއެކު ސުލްހަވުމަކީ މިހާރުގެ ޔޫކްރެއިންގެ ސިޔާސީ ނިޒާމުގެ ނިމުމެވެ. އަދި މި ބަދަލުގެ ސަބަބުން ހަމައެކަނި ޔޫކްރެއިންގެ ބާރުގެނިމުމެއް ނޫން ކަމަށާއި، މުޅި ޔޫރަޕްގެ ބާރުގެ ހައިސިއްޔަތަށް ވެސް ބަދަލުތަކެއް އަންނާނެތީ ޔޫރަޕްގެ އިސްވެރިން އެކަމާ ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ހަނގުރާމައިގެ ކުރީ ސަފާ ދުރުގައި ތިބި ޔޫކްރެއިންގެ ސިޔާސީވެރިންނާއި ޕްރޮޕަގަންޑާ ފަތުރާ ފަރާތްތަކުން ހަނގުރާމަ ކުރިއަށް ގެންދިއުމަށް ބާރުއަޅަމުންދާ ކަމަށްވެސް މެޑްވެޗުކް ތުހުމަތު ކުރެއްވިއެވެ. ޔޫރަޕާއި އެމެރިކާއިން ޔޫކްރެއިންއަށް ދޭން މަސައްކަތްކުރާ ސަލާމަތީ ކަށަވަރުކަމަކީ ހަމައެކަނި ހަނގުރާމަ ދިގުދަންމާލުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.





