ޕީސީބީގެ ރައީސަކަށް އައްޔަނުކުރި ނިޒާރަށް މަޖިލީހުން ރުހުން ދީފި

ދައުލަތުގެ ކުންްފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްއަކަށް އައްޔަނުކުރި މުހައްމަދު ނިޒާރު، މއ. ޔެލޯބޯލްއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ވީ ކިހިނެއް؟ – އެ މަގާމަށް ނިޒާރު އައްޔަނު ކުރީ 30 އޭޕްރީލްގަ އެވެ. އޭނާއަށް ރުހުން ދޭން ފެނޭތޯ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުން ރުހުން ދިނުމަށް ފެންނަ ކަމަށް 49 މެންބަރުން ވޯޓު ދެއްވި އެވެ.

ތަފްސީލް – ނިޒާރު ވަނީ މީގެ ކުރިން 2014 އިން 2019އަށް ޕީސީބީގެ ރައީސްކަން ކުރައްވައިފަ އެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލްކުރައްވައިފަ އެވެ.

ނިޒާރުގެ ތަޖުރިބާ އާއި ހިދުމަތްތައް

  • ބައިނަލްއަގުވާމީ ވިޔަފާރި، ކޯޕަރޭޓް މެނޭޖްމަންޓް އަދި ދައުލަތުގެ އިދާރާތައް ހިންގުމުގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ

  • ދައުލަތުގެ ކުންފުނިތައް ކޯޕަރަޓައިޒް ކުރުމާއި އެ ކުންފުނިތަކުގެ ހިންގުން މޮނިޓާކޮށް ބެލެހެއްޓުމުގެ ފަންނީ މާހިރެއް

  • އެސްޓީއޯގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވި

  • މޯލްޑިވް ގޭސްގެ ބޯޑު މެންބަރުކަން ކުރެއްވި

  •  ރިސްކް މެނޭޖްމަންޓް، ޕްރޮކިއުމަންޓް އަދި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގައުމީ ފެންވަރުގެ އެކި ކޮމިޓީތަކުގައި ވެސް މަސައްކަތް ކުރެއްވި

ޗެއާޕާސަން އިންތިހާބުގައި މީކާއިލަށް ވޯޓު ހޯދައިދޭން ޖެހުނީ އަޅުގަނޑުމެން: ފަލާހު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމަށް ފަހު ވަގުތު ވޯޓު ހޯދައިދޭން ޖެހުނީ ޕީއެންސީގެ މެމްބަރުންނަށް ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ – ފަލާހު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި ބަހުސްކުރި ސިނގިރޭޓު ޑިއުޓީ 4ރ.އަށް ކުޑަކުރަން ޖެހޭ ގޮތަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސްގަ އެވެ. މި ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ބުނީ ކީކޭ؟ – ފަލާހު ވިދާޅުވީ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ 11 މެމްބަރަކު މީކާއިލަށް ވޯޓު ހޯދައިދޭނެކަމަށް ވައުދުވުމަށް ފަހު ލަނޑުދެއްވީ ކަމަށެވެ. އެހެންވެ ވޯޓު ހޯދައިދޭން ފަހު ވަގުތު ޕީއެންސީގެ މެމްބަރުންގެ ގާތުގައި މީކާއިލް އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

”މިއީ ނުލަފާ ބައެއް. މީކާއިލް ނަސީމް މި [މަޖިލީހުގެ އެމްޑީޕީ] 11 މެމްބަރުން ނެރެގެން އެ ފަކީރަށް ހަދާލި ގޮތް ބަލައި. ސަލާމަތްވާން ނެތޭ އެފަކީރު. ބަލަ މިއިން އެކަކަށް ރައްޔިތުންގެ ތާއީދެއް ނެތޭ. މި މީހުން މީކާއިލް ހޮވަން ނުކުތީ ދާއިރާއިން ތިމަންނަމެން ވޯޓު ނަގާނަމޭ ކިޔާފައި. އެ ފަކީރަށް އަނިޔާދިނީ. ލަނޑުދިނީ،“ ފަލާހު ވިދާޅުވި އެވެ.

”އެންމެ ދާއިރާއެއް ކާމިޔާބު ނުކުރެވުނޭ. ހެޔޮ ނުވާނެ ނޫންތޯ މިކަހަލަ ކަންތައްކުރަން. އެންމެ ފަހުން އަޅުގަނޑުމެން ކައިރީގައި އެދުނީ ވޯޓު ހޯދައިދޭން. އަޅުގަނޑުމެންނަށް ވީވަރެއް ކޮށްދިނިން، ރައީސް،“

މި ވާހަކަތައް މެދުކަނޑާލަން ނިޒާމީ ނުކުތާއެއް ނަންގަވައި މީކާއިލް ވިދާޅުވީ މަޖިލީހުގައި ދެކެވެމުންދަނީ ”ރައީސް މުހައްމަދު މުއިއްޒު އުނބަށް ޖެހި“ ވާހަކަ ކަމަށެެވެ. އެކަމަކު އެއީ ނިޒާމީ ނުކުތާއެއް ނޫން ކަމަށް ވިދާޅުވެ ވާހަކަދައްކަވަން ފުރުސަތުދީފައެއްނުވެ އެވެ.

އެއަށް ފަހު ފަލާހު ވިދާޅުވީ ދެން އެވާހަކަތައް ދެއްކެވުމުގެ މާ ބޮޑު ބޭނުމެއް ނެތް ކަމަށާއި މިހާރު އެމްޑީޕީން ދައްކަނީ ބޮޑު ބަދަލެއްގެ ވާހަކަ ކަމަށެވެ. އެ ބޮޑު ބަދަލެއް ވެސް ނުގެނެވޭނެ ކަމަށާއި އަނބުރާ ވެރިކަަމަކަށް ވެސް އެމްޑީޕީއަށް ނާދެވޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް 13 މެމްބަރުންނަށް ބޮޑު ބަދަލުގެ އޮފީހަށް ވެސް ނުވަދެވޭ ކަމަށެވެ.

”އަޅުގަނޑުމެންނަކަށް ނުފެނޭ ބޮޑު ބަދަލު އޮފީހުން މި 13 މެމްބަރުންނެއް. އެހެންވީމާ  އަޅުގަނޑުމެން މި ގަސްތުކުރަނީ މި މަޖިލީހުގައި ބޮޑު ބަދަލު އޮފީސް ގާއިމުކޮށްފައި އެތަނުގެ ވެރިއަކަށް ހަނިމާދޫ ދާއިރާގެ މެމްބަރު [އަބްދުލްގަފޫރު މޫސާ] އައްޔަން ކުރަން. މިކަން ކުރާނަން،“ ސަމާސާ މިޒާޖެއްގައި ފަލާހު ވިދާޅުވި އެވެ.

މި ވާހަކަތައް ދައްކަމުން ދިޔައިރު އެމްޑީޕީގެ މެމްބަރުން އަޑުގަދަކުރަމުން ދިޔަ އެވެ.

މި ވާހަކަތައް ފަލާހު ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ފަލާހު ވިދާޅުވީ:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކަ އާއި އާރްޑީސީ ފަދަ ތަންތަނުގައި ހިންގި ކޮރަޕްޝަންތަކުގެ ވާހަކަތައް މަޖިލީހުގެ ރައީސްގެ ގޮތުގައި އިންނަވައިގެން ނަޝީދު ކުށްވެރިކުރެއްވި

  • އޭރުގެ ދައުލަތުގެ ބަޖެޓަކީ ވެސް ދަރަނީގެ ރަސީދެއް ކަމަށް ވިދާޅުވެ ވާހަކަދެއްކެވުމަށް ފަހު، މިއަދު އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ގޮތުގައި ހުންނެވިއިރު ކެމްޕޭންގައި ގާތްކޮށްގެން އުޅުއްވީ އެތަންތަން ހިންގި މީހުން؛ އެހެންވެ އެމީހުން އެއްވެސް ކުށެއް ނުކުރާ ބަޔަކަށް މިހާރު ވަނީ ވެފައި

  • އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިހާރު ހުންނެވީ ނަޝީދުގެ އަރިހުގައި

”އެދުވަހު މީކާއިލް ނަސީމުމެން ދެއްކެވި ވާހަކަ ހަގީގަތުގައި މިއަދު މީކާއިލް ނަސީމް ހަދުމަފުޅު ބަހައްޓަންވާނެ. އެދުވަހު ވެރިކަމުގައި ހުރީ ރައީސް ޑރ. މުހައްމަދު މުއިއްޒެއް ނޫން. އެދުވަހު ވެރިކަމުގައި ހުންނެވީ މުހައްމަދު ސޯލިހު. މިއަދު މުހައްމަދު ސޯލިހު ވަރުގެ ނުލަފާ ބޭފުޅެއް މި މީހުންނަކަށް ނެތް. އެދުވަހު އެއަށް ވުރެ ރަނގަޅު ބޭފުޅަކު ނެތް،“ ފަލާހު ވިދާޅުވި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ ދެ މަސް ބޯޓު ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ގދ. އަތޮޅާއި ފުވައްމުލަކު ސިޓީއާ ދެމެދު ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަ ކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނީ ބޭރުގެ ދެ މަސް ބޯޓެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ މަސްބޯޓުތަކެއް ކަމެއް ސާފެއް ނޫނެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، މަސްބޯޓުތައް ދަތުރުކުރަމުންދިޔަ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މީގެ ކުރިންވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ މަސް ބޯޓުތައް ވަދެއެވެ. އޭގެ ބައެއް ބޯޓުތަކުން ޑްރަގުވެސް ފެނިފައިވެއެވެ.

ފޭކު ސަނަދު ގެންގުޅުން ޖިނައީ ކުށަކަށް ހަދަން މަޖިލީހަށް ހުށަހަޅައިފި

ރާއްޖޭގައި ފޭކު ސަނަދުތައް ގެންގުޅުމާއި ސަނަދު ފޯޖުކުރުން އިތުރުވަމުންދާތީ، އެއީ ޖިނާއީ ބޮޑު ކުށަކަށް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކުޑޫގެ، މައިގަނޑު ހުށަހެޅުމަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް އެ އިދާރާގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމެވެ. ކުޑޫ ފާހަގަކުރެއްވި ގޮތުގައި، ސައްހަ ނޫން ސަނަދުތައް ގިނަވުމުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް އޮތް އިތުބާރު ގެއްލި، ވަޒީފާގެ ބާޒާރުގައި ހުނަރުވެރިކަން ކުޑަ މުވައްޒަފުން އިތުރުވުމުގެ ބިރު އެބައޮތެވެ.

އަދި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ސަނަދުތަކުގެ އަގުވެއްޓި، ބޭރު ގައުމުތަކުން ދިވެހި ސަނަދުތައް ބަލައިނުގަތުމުގެ މައްސަލަ ކުރިމަތިވެދާނެކަމަށް ކުޑޫ ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ކުޑޫ ހުށަހެޅުއްވި ކަންކަން:

  • އަދަބު ހަރުކަށިކުރުން: މިހާރު އޮންނަ 10,000 ރުފިޔާގެ ޖޫރިމަނާ އާއި 1-2 އަހަރުގެ ޖަލު ހުކުމުގެ ބަދަލުގައި، މިއީ ޖިނާއީ ބޮޑު ކުށަކަށް ހަދައި އަދަބު ބޮޑުކުރުން
  • .ނަން ހާމަކުރުން: ފޭކު ސަނަދު ދޫކުރާ ފަރާތްތަކާއި އެ ބޭނުންކުރާ މީހުންގެ ނަން އާންމުކުރުން
  • ޓެކްނޮލަޖީގެ ބޭނުން ހިފުން: ބްލޮކް ޗެއިން ޓެކްނޮލަޖީ މެދުވެރިކޮށް ސަނަދުތައް ބަދަލުނުކުރެވޭނެ ގޮތް ހެދުމާއި، ކޮންމެ ސަނަދެއްގައި ކިއުއާރް ކޯޑެއް ހިމެނުން.
  • ގައުމީ ރަޖިސްޓްރީ: އެމްކިއުއޭ އިން ގަބޫލުކުރާ ހުރިހާ ސަނަދެއް ފެންނާނެ އޮންލައިން ނިޒާމެއް ގާއިމުކުރުން.

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިހުސާސްތަކަށް އިސްކަންދޭ ނަމޫނާ ޚިދުމަތަކަށް ވާންޖެހޭ: ރައީސުލްޖުމްހޫރިއްޔާ

ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ބޭނުންތަކަށާއި އިހުސާސްތަކަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި، ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، މުއައްސަސާގެ ހިންގުން ހަރުދަނާ ކުރުމާއި، އަދި ކަނޑައެޅިފައިވާ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އަދި އެގްޒެކެޓިވް ބޯޑުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރަމުންދާ މި ދަނޑިވަޅުގައި، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގައި އެގްޒެކެޓިވް ބޯޑުގެ ދައުރު ވަރަށް މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ހޯދުމަށާއި، ރާއްޖޭގެ އަމަންއަމާންކަން ދެމެހެއްޓުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގެ ޔަގީންކަން އެގްޒެކެޓިވް ބޯޑުން ވަނީ ރައީސަށް އަރުވާފައެވެ.

ފުލުހުންގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، އެ މުއައްސަސާގެ އޮނިގަނޑަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އައު އޮނިގަނޑުގެ ދަށުން ތަހުގީގު، އިންޓެލިޖެންސް، ފޮރެންސިކް، ޓެކްނޮލޮޖީ އަދި ތަމްރީނު ފަދަ މުހިންމު ދާއިރާތައް ވަކި ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ރާވާފައެވެ.