ޔޫރަޕިއަން ޔޫނިއަންގެ ފޮރިން އެފެއާޒް ކޮމިޝަނަރު ކާޔާ ކަލާސް ދެއްކެވި ވާހަކަފުޅުތަކަކަށް ރަޝިޔާގެ ރައީސްގެ ހާއްސަ މަންދޫބު ކިރިލް ދިމިތުރީފް ފާޑުވިދާޅުވެއްޖެއެވެ. ދިމިތުރީފް ވަނީ އެކްސް ޕްލެޓްފޯމުގައި ޕޯސްޓްތައް ކުރެއްވުމުގެ ކުރިން މަސްތުވާތަކެތި ބޭނުން ނުކުރުމަށް ކަލާސްއަށް ނަސޭހަތްތެރިވެފައެވެ.
ބޭރު ގައުމުތަކާއެކު އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމަށް ރަޝިޔާގެ ރައީސް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ދިމިތުރީފް މިފަދައިން ވިދާޅުވީ، ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން "މިއީ ބޯން ފަށަންވީ ވަގުތު" ކަމަށް ވިދާޅުވެ ކަލާސް ޔޫރަޕްގެ ޕާލަމެންޓުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ދިމިތުރީފްގެ ޕޯސްޓުގައި ވިދާޅުވީ "ލޯބިވާ ކާޔާ، އެކްސްގައި ޕޯސްޓްތައް ލިޔުމުގެ ކުރިންރާފޮދު ހިތްޕެވުން މާ ރަނގަޅެއް ނުވާނެ" ކަމަށެވެ.
ކަލާސް މިފަދަ މޭރުމަކުން ވާހަކަދެއްކެވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގްރީންލޭންޑްގެ މައްސަލައާ ގުޅުވައިގެން ޔޫރަޕްގެ ބައެއް ގައުމުތަކަށް އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ނިންމެވި ނިންމެވުމަށް ފާޑުވިދާޅުވަމުންނެވެ. ކަލާސް ތުހުމަތު ކުރެއްވި ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އެމެރިކާއާއި ޔޫރަޕް އިތުރަށް ފަގީރުވެ، ޔޫކްރޭނަށް އެހީތެރިވުމަށް ނޭޓޯއިން ކުރާ މަސައްކަތަށް ހުރަސް އެޅޭނެއެވެ.
މިކަމަށް ރައްދު ދެއްވަމުން ދިމިތުރީފް ވިދާޅުވީ އެމެރިކާ ފަގީރުވާނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ކަލާސް ހީކުރައްވާ ފަދަ ބާރުވެރިކަމެއް ދައްކުވައިދޭ ކަމެއް ނޫން ކަމަށެވެ. މިއީ ޔޫރަޕްގެ އިސްވެރިންގެ މެދުގައި އޮތް ނުތަނަވަސްކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ރައީސް ޓްރަމްޕް ވަނީ ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން އެތެރެކުރާ މުދަލުން 10 އިންސައްތައިގެ ޑިއުޓީއެއް ނަގަން ފަށާނެކަން އިއުލާން ކުރައްވާފައެވެ. އަދި ޑެންމާކުން ގްރީންލޭންޑް އެމެރިކާއަށް ވިއްކާލަން އެއްބަސްނުވާނަމަ، މި ޑިއުޓީ 25 އިންސައްތައަށް ބޮޑުކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.


